ކައުންސިލް އުފެދުން

ކުޅުދުއްފުށީ ކައުންސިލް އުފެދިފައިވަނީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ، ޤާނޫން ނަންބަރ 2010/7 ގެދަށުން ކުޅުދުއްފުށީ ކައުންސިލަށް މެންބަރުން އިންތިޚާބުކުރެވި 26 ފެބުރުއަރީ 2011 ވަނަ ދުވަހު ކައުންސިލަށް ހޮވުނު 7 މެންބަރުން ހުވާކޮށް އެބޭފުޅުންގެ މަސްޢޫލިއްޔަތާއި ހަވާލުވުމާއި ހަމައިންނެވެ.

ކައުންސިލްގެ ފުރަތަމަ ޖަލްސާ ބޭއްވިފައިވަނީ 26 ފެބުރުއަރީ 2011 ވީ ހޮނިހިރުދުވަހު 11:30 ގައި މަތިއުތުރު ސަރަހައްދުގެ ޤައުމީ އިދާރާގެ ޖަލްސާކުރާމާލަމްގައެވެ. މިޖަލްސާއަކީ ކައުންސިލްގެ ފުރަތަމަ ޖަލްސާކަމުން ޖަލްސާގައި އޮތީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމާއި ކައުންސިލް ހިންގާ ޤަވާއިދު ފާސްކުރުމުވެ. މިޖަލްސާއިން ކައުންސިލްގެ ރައީސްގެ ގޮތުގައި ކައުންސިލް މެންބަރ ކުޅުދުއްފުށީ ނޫރާނީމާގެ ޖަމްޝީދު މުޙައްމަދު ކައުންސިލް މެންބަރުންގެ އިއްތިފާޤުން ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރެވުނެވެ. އަދި ނައިބުރައީސްގެ މަޤާމަށް ކައުންސިލް މެންބަރ ކުޅުދުއްފުށީ މާދޫގެ ފާރޫޤް މުޙައްމަދު ކައުންސިލް މެންބަރުންގެ އަޣްލަބިއްޔަތުން ނައިބުރައީސް ކަމުގެ މަޤާމަށް އިންތިޚާބުކުރެވުނެވެ. އަދި ކައުންސިލް ހިންގާޤަވާޢިދު މިޖަލްސާއިން ފާސްކޮށް އެޤަވާޢީދަށް ޢަމަލުކުރަން ފެށުނެވެ.

ކައުންސިލްގެ އަމާޒު

ކުޅުދުއްފުށީ ކައުންސިލްގެ ޢަމާޒަކީ ވީހާވެސް ގާތުން ހިނިތުންވުމާއެކު ރައްޔަތުންނަށް ޚިދުމަތް ދިނުމާއެކު ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ އަދި ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ރަށަކަށް ހެދުމެވެ.

ތަސައްވަރު

ކުޅުދުއްފުށީ ކައުންސިލްގެ ތަސައްވަރަކީ ރާއްޖޭގައި ކުރިއަރާފައިވާ ރަށްރަށުގެ ތެރެއިން ތަރައްޤީގެ އެންމެ އުސް ހަރުފަތަށް ވާސިލްވެފައިވާ ރަށަކަށް ހެދުމެވެ. މިގޮތުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިއުމެވެ.